Gn. ފުވައްމުލައް
ފުވައްމުލަކުގެ ދެކުނުކޮޅުން މިސްކިތްމަގު އަވަށާއި ދޫޑިގަން އަވަށާއި މާލެގަން އަވަށުގެ މެދުގައި ވާ ބަންޑާރަ ކިޅި އަދި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޙާއްސަ ސިފަތަކެއް ލިބިގެންވާ، ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ސަރަޙައްދެކެވެ. މިސަރަޙައްދު މައިގަނޑު ދެބަޔަކަށް ބެހިފައިވެއެވެ. ބަންޑާރަކިޅިއަކީ ރާއްޖޭގައިވާ މީރުފެނުގެ ކިޅިތަކުގެ ތެރެއިން އެންމެބޮޑުކިޅިއެވެ. މިކިޅީގެ ބޮޑުމިނުގައި 4.74 ހެކްޓަރު ހުރެއެވެ. މިކިޅިއަކީ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވާ ކުޅިތަކާއި ޚިލާފަށް ޤްދުރަތީ ގޮތުން ޢާދަޔާ ޚިލާފު ސިފަތަކެއް ލިބިގެންވާ ކިޅިއެކެވެ. ދިރޭތަކެތީގެ މުއްސަނދިކަމާއި ގަސްގަހާގެހީގެ މުއްސަނދިކަން ލިބިގެންވާ މިކިޅި އަކީ ޤްދުރަތީ ގޮތުން އަޖައިބުކުރުވަނިވި ސިފަތަކެއް ލިބިގެންވާ މާޙައުލެކެވެ. ފުންމިނުގައި 7 -10 ފޫޓް ހުންނަ މިކުޅިއަކީ ތަފާތު ދިރުންތަކުގެ މާޙައުލެކެވެ. މިގޮތުން ތަލާޕިޔާ، ފުވައްމުލަކު މީހުން ކިޔާނަމުންނަމަ ފެނަމަހާއި ބަންގާޅުމަސް ދިރިއުޅެއެވެ. މީގެ އިތުރުން ބޭންގު ދިރިއުޅެފައިވާ ސަރަޙައްދެއްގެ ގޮތުގައި މިސަރަޙައްދު ފާހަގަކުރެވެއެވެ. އަދިވެސް ތަފާތު ދިރުންތަކުން މިސަރަހަޢްދުގެ މާޙައުލަށް މުއްސަނދިކަން ލިބިފައިވެއެވެ. ކުޅީގެ ވަށައިގެން ހެދިފައިވާ ގަސްތަކަކީ އެގަސްތަކެއްގެ ސަބަބުން ކުޅީގެ ދިރުންތަކަށް ޙިމާޔަތްދޭ މުޙިއްމު ބައެކެވެ. ވަށައިގެން އޮޅު އަލައާއި ބޯކަށިކޭލާއި ތަފާތު ބޭސްވެރިކަމުގެ ގަސްގަހާގެހި ހެދިފައިވާ މިކިޅިއަކީ މުއްސަނދި ސަރަޙައްދެކެވެ. ގަސްތަކުގެ ތެރޭގައި ތަފާތު ދިރުންތައް އެތަކެތީގެ ގެދޮރު ހަދައިގެން އުޅޭއިރު އެތަކެތީގެ ކެއުމަށް ބޭނުންވާ ބާވަތްތައް ކިޅީގެ ވަށައިގެންވާ މާޙައުލުންލިބެއެވެ. މިގޮތުން މިތަނުގެ ރައްވެހި ދިރުމެއްގެ ގޮތުގައި ކަނބިލި އަދި "ވަލުކުކުޅު" ޙާއްސަ ގޮތެއްގައި ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގައި "ވަލުކުކުޅު" ނުވަތަ "ކުޅީ ކުކުޅު" ހަމައެކަނި ދިރިއުޅޭ ސަރަޙައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ފުވައްމުލަކެވެ. ބަނޑާރަކިޅި ވަށައިގެންވާ ބޮޑުސަރަޙައްދަކީ ޗަސްބިމުގެ ސަރަޙައްދެކެވެ. މިސަރަޙައްދުގެ ޗަކަސް އަދި ވެއްޔަކީ އޭގައި ގިނަ ޢަދަދެއްގެ ނިޔުޓްރިއެންޓްސް އެކުލެވިގެންވާ ވެއްޔެކެވެ. މީގެ ސަބަބުން ތަފާތު އެތައްބާވަތެއްގެ ގަސްގަހާގެހި ގިނަ ޢަދަދަކަށް މިސަރަޙައްދުގައި ހެދިފައިވެއެވެ. މިޗަސްބިމުގެ ސަރަޙައްދުގައި ބޭސްވެރިކަމަށް ބޭނުންކުރެވޭ ފަތްޕިލާވެލީގެ އިތުރުން ގިނަ މެންގްރޫވް އެސޯސިއޭޓެޑް ސްޕީޝީސް ( މެންގްރޫވް ގަސްގަހާއި ގުޅިގެން ހެދޭ ގަސްގަސް) ހެދިފައިވެއެވެ. ގިނަ ޢަދަދަކަށް އަލަ ހެއްދިފައިވާ މި ސަރަޙައްދަކީ ވާރޭވެހުމުން ރަށުގައި ހެދޭ ފެނުގެ ބޮޑުބައެއް ބިމަށް ހިންދުމަށް އެހީތެރިވެދޭ ސަރަޙައްދެކެވެ. ގަސްގަހާގެހީގެ އިތުރުން ދޫނި ސޫފާސޫފީގެ ގެދޮރުކަމުގައި މިސަރަޙައްދުވެއެވެ. މިގޮތުން ކަނބިލި ގިނަ ޢަދަދަކަށް މި ސަރަޙައްދުން ފެންނަމުންދާ ކަމީ މިސަރަޙައްދުގައި މުޙިއްމު ދިރުންތައް ދިރިއުޅޭކަމުގެ ހެއްކެކެވެ. ބަންޑާރަ ކިޅި އަދި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ވެށީގެ ގޮތުން ޙާއްސަ ސިފަތަކެއްލިބިފައިވާ ސަރަޙައްދުތަކެކެވެ. މިގޮތުން ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ މުއްސަނދިކަމާއި މިސަރަޙައްދަށް ޙާއްސަވެގެންވާ ދިރުންތައް ފާހަގަވެއެވެ. ކުޅީގެ ފެންގަނޑުގައި ދިރިއުޅޭ މަސްމަހާއި މެއްސަކީ އެސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ އަދި އެސަރަޙައްދަށް ޒިޔާރަތްކުރާ ދިރުންތަކުގެ ކާނާކަމުގައިވުން ދިރުންތައް އާލާވުމަށް އެހީއަކަށްވެއެވެ. މިކަމުން އެސަރައްދުގެ ވެއްޓަށް އިތުރު ރީތިކަމަކާއި މުއްސަނދިކަމެއް ގެނެސްދޭނެ އެވެ. ބަންޑާރަ ކިޅި އަދި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ވާރޭވެހޭ މޫސުމުގައި ރަށުތެރޭގައި ހެދޭފެން ހިންދުމަށް އެހީތެރިވެދޭ ދެ ސަރަޙައްދެވެ. މިގޮތުން ބަންޑާރަކިޅި ހިމެނިފައިވނީ ރާއްޖޭގައިވާ މީރުފެނުގެ އެންމެބޮޑު ރިޒާވް ކަމުގައެވެ. ފުވައްމުލަކަކީ މެދަށް އަޑިކޮށް ރަށުގެ ވަށައިގެން އުސްކޮށް ބޯތައްޓެއްގެ ސިފައިގަ