Seenu (S)
މިސަރަހައްދަކީ އަތޮޅުގެ އުތުރު ބިތުގައި، މާކަނޑު އަދި ކުޑަ ކަނޑު މެދުގައި އޮންނަ ކުޑަ ފަޅެކެވެ. މިފަޅުގައި ކުޑަ ރަށަކާއި ފުށިގަޑެއް ވެއެވެ. ދޮންވެލި އަތިރިމައްޗެއް ލެވިފައި މިފަދައިން ހެދިފައިވާ ކުދި ރަށްތަކަކީ ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައި ގިނަ ރަށްތަކެކެވެ. ނަމަވެސް އައްޑޫ އަތޮޅަކީ ކުޑަ އަދި ފަރު މަދު އަތޮޅެއްކަމުން، މިއަތޮޅުގައި މިގޮތަށް ހުންނަރަށްތައް މަދެވެ. އެހެންކަމުން، މި ދެރަށަކީ މިހާރުވެސް އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ދެރަށެވެ. މިސަރަހައްދުގެ ރީތިކަމުގެ އިތުރުން، މިސަރަހައްދަކީ ދިރުމުގެ ގޮތުން ވެސް ވަރަށް މުއްސަދި ސަރަހައްދެކެވެ. މިފަޅުގައި އޮންނަ ކަނޑިހެރަ ރަށަކީ، ރަށުތެރެއަށް ގޮނިވެފައި އަދި ކުޑަ ކުޅިއެއް ވެސް ހެދިފައި އޮންނަރަށެކެވެ.މިރަށުގެ ކުޅިތެރޭގައި ކަރަމަނަ އަދި ރަނޑޫ ހެދިފައިވެއެވެ. އަދި، މިރަށަކީ ގިނަ އަދަދަކަށް ކިރުދޫނި އަރާރަށެކެވެ. މިރަށުން ކިރުދޫނި ބިސް ފެނިފައި ނުވިކަމުގައި ވިޔަސް، މިރަށަކީ ބިސް އަޅާ ސަރަހައްދަކަށް ވުމަކީ ވަރަށް ގާތްކަމެކެވެ. މީގެއިތުރުން މާކަނައާއި އަދި ބުޅިތުބި ވެސް މިރަށުން ފެނިފައިވެއެވެ. ގިނަ ދޫންޔަކީ، އިންސާނުންގެ އުނދަގޫ ޖެހޭނަމަ އެސަރަހައްދެއް ދޫކޮށްދާ ޖަނަވާރުތަކެކެވެ. އެހެންކަމުން، މިސަރަހައްދު ހިމާޔަތްވެ ދޫނި ސުފާސޫފީގެ ދިރުމަށް އުދަނގޫ ނުވާނެ ނިޒާމެއްގެ މަތިން، ފަތުރުވެރިކަމާއި އަދި އާންމު ބޭނުންތަކަށް ހުޅުވިގެން ދިއުމަކީ މުހިއްމު ކަމެކެވެ. މީގެއިތުރުން، ހަމައެއާއިއެކުގައި، މިރަށުގެ ފަޅު އުފެދިފައި އޮންނަނީ ވަށައިގެން ތިލަކޮށް މެދުގައި ވިލެއްވާގޮތަށްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި، މިވިލުތެރޭގައި ގިނަ އަދަދަކަށް މުރަކަ ހެދިފައިވާ ގިރިތަކެއްވެއެވެ. މިފަދައިން ގޮނިވެފައިވާ ރަށް ތަކާއި، ރާޅާއި ބާރުއޮއެވަރުން ހިމާޔަތްވެފައިވާ ފަޅުތަކަކީ ކުދި މަސް އާލާވުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ސަރަހައްދުތަކެއް ކަމުގައި ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި، މިރަށުގެ ގޮނިވެފައިވާ ސަރަހައްދުގައި ކުރެވުނު ދިރާސާގައި ކުދި މަސް އަދި ކުދި މިޔަރު އެސަރަހައްދުން ފެނިފައިވެއެވެ. މިފަދަ ސަރަހައްދުތައް ހިމާޔަތް ވެގެން ދިއުމަކީ އަތޮޅުގެ ދިރުން ދެމިގެން ދިއުމަށް އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.