N. ކެނދިކުޅުދޫ
ލިސްޓްކުރެވިފައެއް ނެތް.
ކެނދިކުޅުދޫ އަކީ ނ. އަތޮޅުގެ ހެނބަދޫ އިރުމަތީގައި އޮންނަ247 ހެކްޓަރުގެ ރުއްގަސްގިނަ ރަށެކެވެ. މިރަށަކީ ޤުދުރަތީގޮތުންނާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަޞްލުތަކުން މުއްސަނދި ރަށެކެވެ. މިގޮތުން މިރަށުގެ ގުދުރަތީ މުއްސަނދިކަން އެންމެ ބޮޑަށް ދައްކުވައިދެނީ މިރަށުގައިވާ ރާއްޖޭގެ ނިސްބަތުންވެސް ބޮޑު ކުޅިންނާއި ކަނޑޫފަލުންނެވެ. މިރަށަކީ ބިންގަނޑުގެ މުއްސަނދިކަން ރަނގަޅު ގިނަ އަދަދަކަށް ގަސްހެދިފައި އޮންނަ ކަނޑޫފަލެއް އޮންނަ ރަށެކެވެ. މިރަށުގެ ދިރޭތަކެތީގެ ނަސްލާއިބެހޭ މަޢުލޫމާތާއި ރަށުގައި ހުރި ޚާއްސަ ސިފަތަކާއި ސަރަހައްދުތަކާއި ދިރުންތައް ވަނީ ދިރާސާތަކުގެ އަލީގައި ދެނެގަނެވިފައެވެ. މިރަށަކީ މީހުން ދިރިއުޅޭ ރަށެއްކަމުން މިރަށުގެ މި ނާޒުކު ތިމާވެށި ހިމާޔަތްކުރުމަކީ ވަރަށްވެސް ބޮޑު އިސްކަމެއްދީ ކުރަން މުހިންމު ކަމެކެވެ. ކެނދިކުޅުދޫ ކުޅި އަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ، ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ސަރަހައްދެކެވެ. މިސަރަހައްދުގެ ޚާއްސަ ސިފަތައް 3 ބަޔަކަށް ބެހިފައިވެއެވެ. އެއީ ކަނޑޫފާ ސަރަހައްދުގައި ދިރިއުޅޭ ދޫނި އާއި ދިރޭތަކެތީގެ ނަސްލުތަކާއި އެސަރަހައްދުގައިވާ މުހިންމު ގަސްގަހާގެހި އަދި ވެލާ ބިސްއަޅާ ސަރަހައްދުތަކެވެ. މިރަށުގެ އިރުން އަދި އުތުރުން ބޮޑު ދެ ކުޅި އޮވެއެވެ. މިރަށުގެ ކުޅީ ސަރަހައްދުގައި ގިނަ އަދަދަކަށް އިރުވައިހުދާއި، ފިނދަނަ ، ރާބޮނދި، ދޮން ރާބޮނދި، މާކަނާ އަދި ބޮނޑަނަ ދިރިއުޅެއެވެ. އަދި މިރަށަކީ ކަނޑުމަތީ ދޫނީވެސް ގިނަ އަދަދަކަށް ނިދަން އަރާ ރަށެކެވެ. އެގޮތުން ކިރުދޫނި އަދި ދަނޑިފުޅު ދޫނި މިރަށުން ގިނަ އަދަދަކަށް ފެނެއެވެ. މި ހުރިހާ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދޫނި ކަމުން އެސޮރުމެންގެ ވެށި ހިމާޔަތްކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މިރަށުގެ ކުޅި ސަރަހައްދުގައި ތަފާތު ވައްތަރުގެ ގުދްރަތީގޮތުން މުހިންމު ގަސްތައް ފާހަގަކޮށްލެވެއެވެ. މިރަށަކީ މިއަތޮޅުންވެސް އެންމެ ގަސްބޯ ޖަންގައްޔެއްހެން ހެދިފައިވާ ރަށެކެވެ. ކަނޑުފާ ސަރަހައްދުގައި ކަނޑޫ، ރަނޑޫ، ކަރަމަނަ ގަސްތައް ވަރަށްބިޔަކޮށް ހެދިފައިވެއެވެ. އަދި މީގެ އިތުރުން މިރަށުގެ އެކި ދިމާއިން މީހުން ކެއުމައް ބޭނުންކުރާ ކުއްޅަވައް ގަސްވެސް ފެނެއެވެ.މިރަށުގެ ކުޅީގައި ގިނަ އަދަދަކަށް ބޭންގު ވިހާ އާލާވެއެވެ. އަދި މިރަށުގެ ކުޅީގައި އެކުއަރކަލްޗަރގެ ވިޔަފާރި ކުރެއެވެ. އެހެންކަމުން މިރަށުގެ ކުޅީގެ ދިރުންތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރުމަކީ ގާތްކަމެކެވެ. މިކުޅިއަކީ ހިމާޔަތްކުރުން މުހިންމު ކުޅިއެކެވެ. ކެނދިކުޅުދޫ ގޮނޑުދޮށަކީ ވެލާ ކަހަނބު ބިސްއަޅާ ސަރަހައްދެކެވެ. ވެލާ ކަހަނބުގެ އާބާދީ ދަމަހައްޓަން، އެސޮރުމެން ބިސްއަޅާ ސަރަހައްދުތައް ހިމާޔަތްކުރުމަކީ މުހިންމުކަމެކެވެ.
Mohamed Ahmed
05 May 2023